ފުވައްމުލައް ސިޓީގައި ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި ދިވެހި ޒުވާނާ އަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެ ޒުވާނާ ނިޔާވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.
އައިޖީއެމްއެޗްގެ އަައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކުގެ ބޮޑުފަންނަނު މަގުގައި ބާރު މިނުގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލު ނުވެގެން ގޮސް ސައިކަލާއި ދުއްވަން އިން މީހާ ފާރެއްގައި ޖެހިގެންނެވެ.
އެ މީހާއަށް ލިބުނު ޒަޚަމްތަކަށް ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިމަޖެންސީކޮށް މާލެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްގެންނެވެ.
މާލެ ގެނައި އިރު ވެސް އެ ޒުވާނާގެ ހާލު ސީރިއަސްކަމުން ލާފައި އޮތީ ވެންޓިލޭޓަރަށެވެ.