ޑޮލަރު ލިބުމަށް ހުރި ދަތި ނައްތާލައި މި އަހަރުގެ ތެރޭގައި އެކްސްޗޭންޖު ރޭޓް ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ޑޮލަރުގެ މައްސަލަ ޙައްލުކުރެވޭނެ ކަޅުބާޒާރު އޮތް ކަމަށް ގަބޫލުކޮށް، އެކަން ހައްލުކުރަން މަސައްކަތްކޮށްގެން ކަމަށާއި މިއަހަރުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ޙައްލުކުރެވޭނެ ކަމަށެވެ.
”ރަސްމީ މާކެޓުގައި 15.42 އަކަށް ލިބެން ހުއްޓަސް ވަރަށް އެކްޓިވް ބްލެކް މާކެޓެއް އެބައޮތް. މިޙަޤީޤަތާ އަޅުގަނޑުމެން އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް މަސައްކަތްތައް އެބަހުރި، އަޅުގަނޑު ޔަޤީންކަން އަރުވަން މިއަހަރު ތެރޭގައި އެކްސްޗޭންޖް ރޭޓު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރާނަން،“ ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ސަރުކާރުން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ހަތް ބިލިއަން ރުފިޔާ އޮތް ކަމަށެވެ.
ނަމަވެސް މިހާރު އެ އަދަދު 3.5 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.