މުންނާރުތައް ވައްޓައި ނުލެވޭނެ ކަމަށާއި އިސްލާމީ ކިއްލާތައް ފޫއަޅުވައެއް ނުލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމި ލިސްޓުގައި ޑރ.ޝަހީމް ހިމެނިވަޑައިގަންނަވައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މުންނާރުތައް ވައްޓައި ނުލެވޭނެ ކަމަށާއި އިސްލާމީ ކިއްލާތައް ފޫއަޅުވައެއް ނުލެވޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭ މައްސަލައިގައި ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރުގައި އިހުތިޖާޖުކުރަމުންދާއިރު، އެތަނަށް ވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް ވިދާޅުވެފައި ވަނީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ތާކުން ތާކުންޖެހޭ ނިންމުމެއް ނޫން ކަމަށެވެ.

މިއަދު ރުހުން ނުދީ ދޫކޮށްލާއިރަށް މިއަދު ހަމަ އެ މީހުން އެ ވުޒާރާތަކަށް އައްޔަން ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށްވެސް ވިދާޅުވީ އެކަމެއް ނުހުއްޓުވޭނެ ކަމަށާއި، އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

ވަޒީރުންނަށް ރުހުން ނުދިނުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.