އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވީގެ ނަމުގައި ބަނދަރާއި ގުދަންކުރުމާއި ރީއެކްސްޕޯޓު ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި މަޝްރޫޢެއް ހިންގުމަށް މި ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިއީ އިހަވަންދިއްޕޮޅު ކައިރިން ދަތުރުކުރާ ގިނަ އަދަދެއްގެ އާގު ބޯޓުފަހަރުން ރާއްޖެއަށް އިޤުތިޞާދީ ފައިދާ ލިބޭނެ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢެކެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅު ތަރައްޤީކުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން ކުންފުންޏާ ހަވާލުކުރުމާއެކު އެ ކުންފުނިން އެތަނުގައި ބަނދަރާއި، ގުދަންކުރުމާއި ރީއެކްސްޕޯޓު ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށައިގަންނާނެ ކަމަށެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއެކު ސައްތައިން ސައްތަ ސަރުކާރު ކުންފުންޏަކުން އިޤުތިޞާދީ ގޮތުން އެންމެ އެދެވޭ ގޮތެއްގައި އެ މަސައްކަތްކުރަން މަގުފަހިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއަކީ ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް ތަފާތު އައު ސިނާއަތްތަކާއި އާމްދަނީ ލިބޭނެ މަގުތަކަށް މަގުފަހިކުރުމުގެ ގޮތުން އެޅިގެންދާ މުހިއްމު ފިިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ސަޢީދު ވަނީ ވިދާޅުވެފައެވެ.