މާލެ އާއި ހުޅުލެއާ ދެމެދު އަޅައިފައިވާ ސިނަމާލެ ބުރިޖްގެ މެއިންޓެނެންސްގެ މަސައްކަތް އިތުރު ތިން އަހަރު ހިލޭ ކޮށްދޭން ޗައިނާ އިން ނިންމައިފިއެވެ.
އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނިން އެޅި ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވުމަށްފަހު ޗައިނާއިން ވަނީ އެއްބަސްވުމާއި އެއްގޮތަށް ބުރިޖުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން ގޮސްފައެވެ.
އޭރު ވެވުނު އެއްބަސްވުމުގައި ވާގޮތުން، ޗައިނާއިން 2 އަހަރު ދުވަހަށް ބުރިޖުގެ މަރާމާތުތައް ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވެއެވެ.
އަދި މީގެ އިތުރުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ބުރިޖުގެ މަރާމާތުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޗައިނާއިން އިތުރު ތިން އަހަރަށް ހިލޭ ކޮށްދޭން ހުށަހެޅިއެވެ.
ނަމަވެސް، އޭރުގެ ސަރުކާރުން އެއްބަސްވުން ހަދާފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫޢު ނިންމައި ބްރިޖް ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ.