ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލު ކުރަން އުޅުމަކީ ރައްޔިތުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ފަދަ ކަމެއް ކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Asuru

 

އޭނާ މިގޮތަށް ވިދާޅުވީ ރައީސް މުޢިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމުމާ ގުޅިގެންނެވެ.

ޝެއިޚް ވިދާޅުވީ މިއީ ސީދާ ރައްޔިތުންގެ މޫނުމަތީގައި ތަފާލަކުންޖެހުން ފަދަ ކަމެއް ކަމަށެވެ.

”ރައްޔިތުން އިހައް ދުވަހަކު ޤައުމުގެ ވަލިއްޔުލް އަމްރު ހޮވީ ކުރިޔަށް އޮތް 5 އަހަރަށް! ދައުރު ހަމަވަނިކޮށް މިފަދަ ކަމަކާ އެމްޑީޕީގެ މެމްބަރުން އުޅުމަކީ ވަރަށް ފިނޑި ޢަމަލެއް! ހެޔޮނުވާނެ! ޤައުމު ހަލަބޮލިކުރަން ނޫޅުއްވާ!“

އެމްޑީޕީގެ ދެ މެންބަރަކު ވަނީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ރައީސް މަޤަަމުން ދުރުކުރަން ނިންމެވި ކަމަށް ވިދާޅުވެފައެވެ. އެގޮތަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުނެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މިހާރު ސޮއި ހަމަ ކޮށްފައިވާ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރުގައި ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން މި ފެށީ އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދީ، ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހުއެވެ. މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި އެމްޑީޕީން ވަނީ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށާއި، ހައުސިން މިނިސްޓަރު ހައިދަރާއި ބަންޑާރަ ނައިބު އަޙުމަދު އުޝާމަށް ރުހުން ނުދޭން ނިންމައިފައެވެ.