ރައްޔިތުންގެ މަޖިލީހުން ހަރުދަނާ އެއްވެސް ސަބަބެއް ނުދައްކައި ރުހުން ނުދޭން ފާސްކުރި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
ތިން ވަޒީރުން އަލުން މަޤާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރިން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދެވެ.
މަޖިލިހުން މިއަދު ރުހުން ނުލިބުނު ތިން ވަޒީރުން އެ ބޭފުޅުން މި ސަރުކާރުގައި ކުރިން ވެސް ތިއްބެވި މަގާމުތަކަށް އަލުން އައްޔަން ކުރެއްވުމާ އެކު، އަނެއްކާވެސް މަޖިލިހުގެ ރުހުން ހޯއްދަވަން ފޮނުވަންޖެހެއެވެ. އެއީ މަގާމަށް އައްޔަންކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެކެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މި ތިން ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމީ ހަރުދަނާ އެއްވެސް ސަބަބެއް ނުދައްކާކަން ފާހަގަކޮށްލެވެއެވެ.