ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޤާމުން ވަކި ކުރަން މަސައްކަތް ކުރަމުންދަނީ ”ނިމެމުންދާ ރައްޔިތުންގެ މަޖިލީހަކުން“ ކަމަށާއި، އެކަމެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ރައީސް މުއިއްޒު އަޒުލު ކުރަން ހުށަހަޅަން ނިންމާފައެވެ.

އެމްޑީޕީގެ ދެ މެންބަރަކު، ވަނީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ރައީސް މަޤަަމާން ދުރުކުރަން ނިންމެވި ކަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ. އެގޮތަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުނެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މިހާރު ސޮއި ހަމަ ކޮށްފައިވާ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރުގައި ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން މި ފެށީ އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދީ، ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހުއެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމް އާއި ޕީއެންސީގެ ޕީޖީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ އިދިކޮޅު އެމްޑީޕީން ބޭނުންވާހާ ގޮތްގޮތަށް ރާއްޖޭގެ ކަންކަން ނުދާކަން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުން ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ.

”އެހެންވީމަ ދިވެހިރާއްޖޭގެ ރައްޔިތުން ނިންމަވާފަ އޮތް ނިންމުމެއް، ނިމެމުންދާ، ރައްޔިތުންގެ މަޖިލީހެއްގެ، އޭގެތެރެއިން ގިނަ މެމްބަރުން ވާދައެއް ނުކުރޭ، ނުހޮވޭނެތީ ގިނަ މެމްބަރުން ވާދަ ނުކުރައްވަނީ.“ އޭނާ ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ މިހާރު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން މި އަހަރުގެ މަޖިލީހުގައި ވާދަ ކުރައްވާނެ ބޭފުޅުންގެ ތެރޭގައި ވެސް ގިނައީ ޕްރައިމަރީގައި ކަޓާނެ ޒާތުގެ ބޭފުޅުން ކަމަށެވެ.

ރައީސް އަޒުލު ކުރަން އެމްޑީޕީން މަސައްކަތް ކުރަމުންދާތީ، ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން މިއީ ރައްޔިތުންގެ ނިންމުމާއި، ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފަށް އެ ޕާޓީން ކުރަން އުޅޭ ވަރަށް ވިޔާނުދާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.