ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކުރުމަށް އެމްޑީޕީން ކުރަން ފަށާފައިވާ މަސައްކަތް ކާމިޔާބު ވިޔަނުދެއްވާނެކަމަށާއި، އެކަން ހުއްޓުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަޙްމަދު ސަލީމު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުޢިއްޒުގެ އައު ސަރުކާރުގެ 22 ވަޒީރުންގެ ތެރެއިން 3 ބޭފުޅަކަށް ރުހުންނުދިނުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ނިންމައިފައެވެ.

އެކަމާ ގުޅިގެން އިއްޔެ މަޖިލީހުގެ އިދާރާގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ސަލީމު ވިދާޅުވީ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކުރުމަށްފަހު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ކުރިއަށްގެންދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

”އަޅުގަނޑުމެން އެކަމަކަށް ފުރުސަތެއް ނުދޭނަން. އެކަން އަޅުގަނޑުމެން ހުއްޓުވާނަން،“ ސަލީމު ވިދާޅުވިއެވެ.

އެމްޑީޕީގެ ދެ މެންބަރަކު، ވަނީ އިއްޔެ ބޭއްވި ޕީޖީ ބައްދަލުވުމުގައި ރައީސް މަޤަަމާން ދުރުކުރަން ނިންމެވި ކަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.

އެގޮތަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުނެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މިހާރު ސޮއި ހަމަ ކޮށްފައިވާ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރުގައި ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން މި ފެށީ އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދީ، ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހުއެވެ.