މި އަހަރު ބާއްވާ 20ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެގޮތުން އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 09:00 އިން މެންދުރު ފަހު 02:00 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 02:00 އިން ހަވީރު 04:00އަށެވެ.
އީސީން ބުނީ ފޯމާ އެކު ހުށަހަޅާ ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން މެދުވެރިކޮށް ކޭޝް ކާޑުން ކަމަށެވެ.
އަދި ނަގުދު ފައިސާއިން އެ ފައިސާ ބަލައިނުގަންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި އަހަރުގެ މަޖިލިސް އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައި ވަނީ، މާޗު މަހުގެ 17ވަނަ ދުވަހުއެވެ.