ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ އެއްގޮތަށް އެ ލިސްޓް އިސްލާހު ކުުރުމަށް ފަހު ގެޒެޓްކޮށް އަނެއްކާ ވެސް ޝަކުވާއަށް ހުޅުވާލައިފިއެވެ.

Ads by Asuru

މަޖިލީހުގެ އިންތިޚާބު އޮންނާނީ، އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

އެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި މުއްދަތު ހަމަވިއިރު ޖުމްލަ 746 ޝަކުވާ ހުށަހަޅާފައިވެއެވެ.

އެގޮތުން އެޑްރެސް ބަދަލުވެގެން 450 ޝަކުވާ ހުށަހެޅިއިރު، ނިޔާވެފައިވާ މީހުން ލިސްޓުގައި ހިމެނޭތީ 225 ޝަކުވާ، ވޯޓުލާ ދާއިރާ ބަދަލުވެގެން 40 ޝަކުވާ، ލިސްޓުގައި ނަން ނެތުމުން 5 ޝަކުވާ، އައިޑީކާޑު މައުލޫމާތު ބަދަލުވެގެން 01 ޝަކުވާ ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މި ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް އާންމުކޮށް, ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފެބުރުވަރީ 10 ގެ ނިޔަލަށް ހުޅުވާލައިފައެވެ.

ގެނެވުނު ބަދަލުތައް:

އެޑްރެސް ބަދަލުވެފައިވާ ފަރާތްތަކުގެ އަދަދު 444
ނިޔާވެފައިވާތީ އުނިކުރެވުނު މީހުންގެ އަދަދު 225
ދާއިރާ ބަދަލުވެފައިވާ މީހުންގެ އަދަދު 380
ނަން ބަދަލުވެފައިވާ މީހުންގެ އަދަދު 01
ރަޖިސްޓްރީން އުނިކުރެވުނު މީހުންގެ އަދަދު 04

ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ.

ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި  ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި އީސީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް ފޮނުވައިގެންނެވެ.

މާލޭގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު ދަރުބާރުގެ އިންނެވެ. ޝަކުވާ އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.