ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްއަށް ހަމަލާ ދިނީ ސަރުކާރުން ކަމަށް ތުހުމަތު ކުރާ ފަދަ މޭރުމަކުން އެމްޑީޕީން ބަޔާނެއް ނެރެ، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް މިކަން ސިޔާސީކޮށް މީސްމީޑިއާގައި ޕޯސްޓުތައް ކުރައްވަން ފައްޓަވައިފިއެވެ.

Ads by Asuru

ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން ބުނީ މިފަދަ ހަމަލާތައް ދެނީ ސަރުކާރުގެ އިސްވެރިންނާ ކުށްކުރާ ގްރޫޕްތަކާ އޮންނަ ގުޅުމުން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ކުރާ ޖިނާއީ ކުށްތަކުގައި ޝަރުއީ ކޯޓުތަކުގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާކުރައްވާ އިސް ވަކީލެއް ކަމަށެވެ.

އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކުރެވިފައިވަނިކޮށް ރައީސް މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރައީސް ޑރ މުއިއްޒަށް ގޮވާލަނީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލްއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ, ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި އެމަނިކުފާނަށް ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ރައީސް މުއިއްޒާއި ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޕާޓީގެ ލީޑަރޝިޕުން ވެސް ދަނީ މިކަން ސިޔާސީ ހަމަލާއަކަށް ހަދައި ޕޯސްޓުތައް ކުރަމުންނެވެ.

ރައީީސް މުޢިއްޒުގެ ސަރުކާރަށް އެންމެ ދެ މަސްވީއިރު، އެމަނިކުފާނު މަގާމުން އަޒުލު ކުރުމުގެ މަސައްކަތް ވެސް އެ ޕާޓީން ވަނީ ފަށާފައެވެ. މިކަމާ ގުޅިގެން، މިއީ އެ ޕާޓީން ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ސިޔާސީ ބޭފުޅުންގެ އިތުރުން ގިނަ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.