ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާ ދިނީ ސިޔާސީ މަގުސަދެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެ މަނިކުފާނަށް ހަމަލާއާ ގުޅޭ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ބެލެވިގެން، އެ މައުލޫމާތުތައް ހިއްސާކޮށްދެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އަންގަވައިފިއެވެ.

Ads by Asuru

މާލޭގެ މަގު މަތިން މިއަދު ފަތިހު ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކެވެ. ހަމަލާ ދީފައިވަނީ ހަތިޔާރަކުން ކަމަށާއި އެ ހަމަލާގައި ޝަމީމްގެ އަތަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ޕީޖީ އޮފީހުން ހާމަކުރިއެވެ.

މި ހަމަލާ އެމްޑީޕީން ”ސިޔާސީ“ ކުރަމުން އަންނައިރު، ކުރީގެ ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓު ރީ ޕޯސްޓް ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، ސިޔާސީ މަގުސަދެއްގައި ޝަމީމަށް ހަމަލާ ދިން ކަމަށް ވިދާޅުވީތީ، ރައީސް ސޯލިހަށް ހަމަލާގެ މަގުސަދާއި އޭގެ ފަހަތުގައިވާ މީހުންނާ ގުޅޭ ގޮތުން ސައްހަ އަދި ވަރުގަދަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

”އަޅުގަނޑު ކުރީގެ ރައީސް ސޯލިހުގެ އަރިހުން އެދެން، އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކްރެޑިބަލް އިންފޮމޭޝަންތައް ވީހާވެސް އަވަހަށް ފުލުހުންނާ ހިއްސާކުރުމަށް، އަދި މިކަމުގައި ރައީސް ސޯލިހުގެ އޮފީހާ ކޯޑިނޭޓު ކުރުމަށްވެސް އިންވެސްޓިގޭޓަރުންނަށް އަންގާފައި ވާނެ،“ އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

އެކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.