ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހީންގެ ދޯންޏަކަށް އަވަށްޓެރި އިންޑިއާ ސިފައިންގެ ބަޔަކު އަރައިފައިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

Ads by Asuru

ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ މަސް ދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އަރައިގެ އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވެސް ވަނީ ބުނެފައެވެ.

އަދި އެކަން ބެލުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން ރާއްޖޭގެ މަސް ދޯންޏަކަށް އަރައިފިކަމަށް މައުލޫމާތު ލިބުމާ ގުޅިގެން އެ ހާދިސާ ހިނގި ސަރަހައްދަށް ކޯސްޓު ގާޑުގެ އުޅަނދެއް ދަތުރުކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި މަސްވެރިކަމަށް ނުކުމެއުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެރީ އދ.މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް ކަމަށެވެ.

އަދި އިންޑިއާ މަނަވަރެއްގެ ސިފައިން އެ ދޯންޏަށް އަރާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން އެ ޔޫނިއަނުން ކުށްވެރި ކުރެއެވެ.