‏ބާ ކައުންސިލްގެ ރައީސް އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިފަދައިން ވިދާޅުވީ ވިޝާމް މިރޭ ކުއްލި ގޮތަކަށް އަވަހާރަ ވުމުންނެވެ. އޭނާ އަކީ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްއެވެ.  ވިޝާމް އަކީ ގާނޫނީ ދާއިރާއިން ފުންނާބު އުސް ބޭފުޅެކެވެ. އޭނާ މީގެ ކުރިން ވަނީ އެސިސްޓަންޓް އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޝާމް އަވަހާރަ ވުމުން، ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއް ކަމަށެވެ.

”ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ މަރުޙޫމްގެ ޢާއިލާއަށާ ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ދަންނަވަމެވެ.

 

ރައީސް ވަނީ މަރްޙޫމް އިސްމާޢީލް ވިޝާމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވައިފައެވެ.

އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުޙޫމް އިސްމާޢީލް ވިޝާމް ލަހައްޓަވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުއާ ކުރެއްވިއެވެ. 

މަޢުލޫމާތު ލިބޭ ގޮތުގައި، ވިޝާމް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.