ގއ.ވިލިނގިލިން ހޯއްގޮވާ ކެއްސުން ބަލީގެ އިތުރު ކޭސްއެއް ފެނިއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ވިލިނގިލިން އިއްޔެ އިތުރު ޕަރޓޫސިސް ކޭސްއެއް ފެނިފައިވާ ކަމަށެވެ.
އެ ރަށުގައި ބަލި ފެތުރުން މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މިއީ ވިލިނގިލިން މިއަހަރުގެ މިހާތަނަށް ފެނުނު މި ބަލީގެ ފަސްވަނަ ކޭސްއެވެ.
މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތުކުދިންނަށެވެ.
އެހެންކަމުން ހަތް އަހަރު ނުވާ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ވެކްސިން ޖެހެން ހުންނާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.