ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، މި ދެ މީހުން ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް މި މައްސަލަ ހުށަހެޅުނު ހިސާބުން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހޯދަން ކަމަށެވެ.

މި މަސައްކަތުގައި، ދިވެހި ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އަދި ތަހުގީގު ޓީމުތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރި: ސީޕީ ޢަލީ ޝުޖާއު

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް، ދިވެހި އެއްވެސް ރައްޔިތަކަށް ދެވޭ މިފަދަ ހަމަލާއެއް، ވަރަށް ބޮޑު އިސްކަމެއް ދީގެން ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުންގެންދާނެ ކަމަށާއި، އަދި މިފަދަ ކަންކަމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދިނީ، ކާކުކަން ނޭނގޭ ގޮތަށް ތިބި ބަޔަކު ކަމުގައިވާއިރު، މިއީ ވަރަށް ބޮޑަށް ދުރާލައި ރޭވިގެން ހިންގި އަމަލެއް ކަމަށް ވެސް ސީޕީ ފާހަގަކުރެއްވިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށްޓަކައި  އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޝަމީމަށް ހަމަލާ ދީފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތިން ކަމަށެވެ.

އޭނާއަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ހަމަލާއަށްފަހު، އޭޑީކޭ އިން ފަރުވާ ހޯއްދަވައި، އެނބުރި ގެއަށް ވަޑައިގެން ޝަމީމް އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާގެ ސަބަބުން އޭނާގެ ވައަތު އަތުގައި ރެނދުލާފައިވާ ކަމަށެވެ.