ވިނަރެސް ފްލެޓްތަކުގެ މަހު ކުލި ދެއްކުމުގައި އިތުރު ލުއިތަކެއް ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ނިންމައިފިއެވެ.

Ads by Asuru

އެޗްޑީސީން މި ލުއިތައް ދޭން ނިންމީ ހަފްތާ14ގައިވާ ވަޢުދުފުޅުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިއަދު އާއްމުކުރި ބަޔާނެއްގައި މި ލުއިތަކާ ގުޅޭގޮތުން އެޗްޑީސީން ބުނީ ”ލީސް ޓު އޯން މޮޑެލް“ގެ އިންވްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ކުޑަ ކޮށްފައިވާއިރު، ފްލެޓްތަކުގެ ޑައުންޕޭމަންޓް 50 އިންސައްތަ ކުޑަ ކުރެވި، ކުޑަ ކުރެވުނު 50 ‏އިންސައްތަ ފްލެޓްގެ އަގުން ކުޑަކުރެވިފައިވާކަން އެޗްޑީސީން ފާހަގަކުރިއެވެ.

”މިއާއިއެކު ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.“ އެޗްޑީސީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން 6 އިންސައްތަ އިންޓްރެސްޓް ރޭޓުގައި ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4200ރ މިހާރު ވަނީ ކުޑަ ކުރެވިފައި ކަމަށާއި، މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

”މި ބަދަލާއިއެކު ވިނަރެސް މަޝްރޫއުއިން ފްލެޓް ބައްލަވައިގަތް ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އަގު އަދާ ކުރާ އުސޫލުން ފްލެޓް ބައްލަވައިގަތް ފަރާތްތަކަށް ވެސް މި ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ.“

އެގޮތުން އެޗްޑީސީން ބުނިގޮތުގައި، ބޭޭންކު ލޯނަށް މަހަކު ދައްކަން ޖެހޭ ކަމަށް ލަފާ ކުރެވޭ އަދަދުން 4200 ރ އެވްރެޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓްގެ އަގުން ޑިސްކައުންޓެއް ދެވިގެންދާނެއެވެ. އަދި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާ ކުރާ ފަރާާތްތަކަށް ވެސް ފްލެޓްގެ އަގުން އެވަރުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މީގެއިތުރުން މިހާތަނަށް ލޯނު ހަމަޖައްސައިގެން ފައިސާ ދެއްކި މީހުންނާއި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކޮށްފައިވާ ފަރާާތްތަކަށް  ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.

އަދި ފްލެޓްގެ ޑައުންޕޭމަންޓަށްވާ އަދަދުގެ 50 އިންސައްތަ އަގުން އުނިކުރެވި، އަދި އަގު އަދާކޮށްފައިވާ ފަރާތްތަކަށް މި ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

މި ބަދަލާ ގުޅިގެން އެއްބަސްވުމަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް އެޗްޑީސީން ވަނީ ފަށާފައެވެ.