އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދު ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި 45 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރަކާއު ކުރީގެ ނޫސްވެރިޔާ ނަސީރު އިބްރާހިމް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.