ތެލަސީމިއާ ބައްޔަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނެއް ސަރުކާރުން ފައްޓަވައިފިއެވެ.

Ads by Asuru

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލްއެވެ.

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ސަރުކާރުން އިއްޔެ ފެއްޓެވި ޤައުމީ ކެމްޕޭނާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ މަޤްޞަދަކީ، ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުންކަމަށެވެ.

މީގެ އިތުރުން މި ކެމްޕެއިންގެ ތެރެއިން ތެލަސީމިއާބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުގެ ދަށުން ތެލަސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް ( އެމްބީއެސް ) އިން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުމުގެ ސެޝަން ކުރިއަށް ގެންދާނެއެވެ.

އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާ ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާ އަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާ، އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔާވާ ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކުރިއަށް އޮތް 4 މަސްދުވަހުގެތެރޭގައި މާލެ ސަރަހައްދުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.