ރާއްޖޭގައި ތިބި ހުރިހައި އިންޑިއާ ސިފައިން ގެންދިޔުމަށް އެ ޤައުމުން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.

Ads by Asuru

އެ ޤައުމުން އެއްބަސްވީ މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ހުރިހައި ސިފައިން ގެންދާށެވެ.

އިންޑިއާ އިން މިކަމަށް އެއްބަސްވީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައި ބާއްވަމުންދާ މަތީ ފަންތީގެ މަޝްވަރާތަކުގައެވެ.

އެއާއެކު އިންޑިއާ ސިފައިން ބާލައި އެ ސިފައިން ބަލަހައްޓައި އޮޕަރޭޓުކުރަމުންދާ އުޅަނދުތައް އޮޕަރޭޓުކުރުމަށް ސިފައިން ނޫން ބަޔަކު ފޮނުވުމަށް ވެސް އެ ޤައުމުން އެއްބަސްވެފައިވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބަލަހައްޓަމުންދާ ތިން އުޅަނދުގެ ތެރެއިން 1 އުޅަނދު ބެލެހެއްޓުމަށް ތިބި ހުރިހައި ސިފައިން މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެންދިއުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.

އަދި ބާކީ 2 އުޅަނދާ ހަވާލުވެގެން ތިބި ސިފައިން މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެންދިއުމަށްވެސް އިންޑިއާއިން އެއްބަސްވެފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ.