ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހުގައި، އެ ބައްޔާއެކު ކުރަން ޖެހުނު ތަޖުރިބާ، އެންސްޕާގެ ސީއީއޯ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެދެއްވައިފިއެވެ.

Ads by Asuru

ހީނާ އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރާއިރު، ތަފާތު އިޙްސާސެއް ކުރެއްވޭ ކަމަށް ވިދާޅުވެ، އޭނާގެ އެ ދަތުރު ކުރުގޮތަކަށް ހިއްސާކުރެއްވިއެވެ. ބޭނުމަކީ މިބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން އެންމެ މީހަކަށް ނަމަވެސް އޭނާ ތަޖުރިބާއިން ހިތްވަރު ދިނުން ކަމަށް ހީނާ ވިދާޅުވިއެވެ.

”އަޅުގަނޑަށް ކެންސަރު ޖެހުނުކަން އެނގުނީ މީގެ ގާތްގަނޑަކަށް 10 ވަރަކަށް މަސް ކުރިންނެވެ. އެކަން އެނގުނު ވަގުތު އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ދުނިޔެ އެއްކޮށް ނިމުނުހެންނެވެ. ހަދާނެގޮތް ހުސްވެ، ކަންބޮޑުވެ، ދެރަވެ މާޔޫސްވިއެވެ. ނަމަވެސް ހެއްދެވި ފަރާތަށް ހުރިހާކަމެއް ވަކީލުކޮށް ފަރުވާއަށް އަވަސްވެގަތީއެވެ. އޭރު މިކަމަކީ ކިހާވަރެއްގެ ވޭންހުރި ކަމެއްކަން އަޅުގަނޑަށް ކުޑަކޮށްވެސް ނޭނގެއެވެ.“ ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ކީމޯ އައިވީގެ ކޮންމެ ޑްރޮޕެއް ދިޔައީ އޭނާގެ ހަށިގަނޑުގެ ދިފާޢިިބނިޒާމާއި ހެދިބޮޑުވަމުންދިޔަ ކޮންމެ ސެލްއެއް ނެތިކޮށްލަމުން ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލިތައް އައިސް މުޅި ހަށިގަނޑު އެއްކޮށް ދުޅަވި ކަމަށެވެ.

”ކާއެއްޗެހީގެ ރަހަ ބަދަލުވެ, ނުކެވި، ބޮލުގެ އިސްތަށިތައްވެސް އިސާހިތަކު ހިނގައްޖެއެވެ. މަސްތަކާއި ހަށިގަނޑުގެ އެންމެ ކުދި ކަށިތަކުގައި އެހާމެ ރިއްސައެވެ. އަމިއްލަ ނަފްސާމެދު ދެކުނުގޮތް ބަދަލުވިއެވެ. ސެލްފްކޮންފިޑެންސް މަޑުމަޑުން ދާންފެށި ކަހަލައެވެ. ތިއޭޓަރަށް ވަންނަ ކޮންމެ ފަހަރަކު ވަންނަނީ ވަރަށް ހިތް ނުތަނަވަސްކަންމަތީ ކިޔުނުހާ ހެޔޮ އެއްޗެއް ކިޔައިގެންނެވެ. މައިންބަފައިންނާއި ދަރިންނާއި ލޯބިވާ މީހުން އަދި ފެންނާނެ ކަމުގެ އުއްމީދުގައެވެ. ކީމޯއަށްފަހު ރޭޑިއޭޝަންގައި އެއްމަސްދުވަސް ހޭދަކުރީމެވެ. ކޮންމެ ދުވަހަކު ބާރުގަދަ ރޭޑިއޭޝަންއަށް މީހާގެ ހަށިގަނޑު އެކްސްޕޯޒް ކުރަން ފަސޭހައެއްނޫނެވެ.“

އެހެންނަމަވެސް އަޅުގަނޑުގެ ޢަޒުމަކަށްވީ ވެއްޓޭ ކޮންމެ ފަހަރަކު ކޮޅަށް ތެދުވުން ކަމަށާއި، ބައެއް ދުވަސްދުވަހު ތެދުވާހާ ހިތްވަރު ނެތަސް އަނެއްދުވަހު މަސައްކަތަށް ނުކުންނަ ކަމަށް ހީނާ ވިދާޅުވިއެވެ.

ބަލިވެ، ގައިގައި ވަރުނެތަސް ޙަރަކާތްތެރިވުން އިތުރު ކުރެވުނު ކަމަށާއި، ބައްޔާމެދު ޕޮޒިޓިވްކޮށް ވިސްނަން ފެށިކަން ހީނާ ފާހަގަކުރެއްވިއެވެ.

ނަފްސާނީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި އެކިކަހަލަ ނެގެޓިވް ޚިޔާލުތަކާއި ފިކުރުތަކުން ދުރަށްދިއުމަށް ހިތާ ސިކުނޑިއާ ދެކޮޅަށް މަސައްކަތްކޮށް، އޭނާ ތަހައްމަލު ކުރަމުންދިޔަ އުނދަގޫ ދުވަސްތަކާއި ވަގުތުތައް އަމިއްލައަށް ވަރަށް ބޮޑަށް މެނޭޖުކޮށް ބައްޔާއެކީ ނޯމަލް ލައިފްއެއް އުޅެވޭތޯ މަސައްކަތް ފެށި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

”މާތް ﷲގެ ހެޔޮ ރަޙްމަތުން މިއަދު މިބަލިން ރަނގަޅުވުމަށް ކުރެވޭ ފަރުވާއާއެކު އަޅުގަނޑުގެ މެސެޖަކީ މިއީއެވެ. ކެންސަރަކީ ނުރައްކާތެރި ބައްޔެކެވެ. ވޭންދެނިވި ކަމެކެވެ. ބިރުވެރި ކަމެކެވެ. މާދަމާވެސް ވާނެގޮތެއް ނޭނގޭ ކަމެކެވެ. އެހެނަސް އުއްމީދު ކަނޑާނުލާށެވެ. ކެތްތެރިވާށެއެވެ. އެންމެ ފަހުވަގުތާ ހަމައަށްވެސް މަސައްކަތް ކުރާށެވެ. ބަލިން ރަނގަޅުވާނެ ކަމަށް ވިސްނުން ބައްޓަން ކުރާށެވެ. ތިމާ ނޫން އެހެން އެއްވެސް ފަރާތަކަށް މިއިހްސާސްތައް ދެނެގަންނަން އުނދަގޫވާނެކަން ވިސްނާށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހެއްދެވި ފަރާތަށް ގިނަގިނައިން ދުޢާކުރާށެވެ. ބަލިތަކަށް ޝިފާ ދެއްވަނީ ﷲއެވެ.“

ހީނާ ވަނީ ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ އެންމެހާ ފަރާތްތަކަށް ހެޔޮ ރަޙްމަތްލައްވާ އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި، ދުޢާ ކުރައްވައިފައެވެ.