ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާންގެ ފުރިހަމަކަން ފާހަގަކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެމަނިކުފާނަށް ތަޢުރީފު ކުރައްވައިފިއެވެ.

Ads by Asuru

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، ޝައްކެތް ނެތް ގޮތުގައި މިހާތަނަށް  ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު،  ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ  ތަފްޞީލީ، އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ، މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އިއްވެވި ރިޔާސީ ބަޔާން ކަމަށެވެ.

”އެހެން ކަމުން އެމަނިކުފާނަށް ތަޙްނިޔާއާއި މުބާރަކް ބާދު އަރިސްކޮށް، މާމިގިލި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުހަނު ޝުކުރު އަދާކުރަމެވެ.“ ޤާސިމްގެ ޕޯސްޓުގައިވެއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނުގައި، ދިވެހި ޤައުމުގެ އިއްޔެ އާއި މިއަދުގެ ޙާލަތާއި އެކު، މާދަމާއަށް ކުރާ އުއްމީދުތަކާއި، ހޯއްދަވާނެ ޙައްލުތައް ވިދާޅުވެ ދެއްވީ ނުހަނު އުއްމީދުން  ފުރިގެންވާ ގޮތުގައެވެ.

ދިވެހި ޤައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލު ވާނެހެން ތަފާސް ހިސާބާއި ދިރާސާ އާއި އެކު ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރާ ރިޔާސީ ބަޔާން ރާއްޖޭގެ ޢިއްޒަތްތެރި  ރައީސުލްޖުމްހޫރިއްޔާ އިއްވަވައިދެއްވި، މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންތަކެއް ބޮއިކެޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯ ވެސް ޤާސިމް ސުވާލު އުފެއްދިއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ވަނީ ރައީސް މުޢިއްޒު އިއްވެވި ރިޔާސީ ބަޔާން ބޮއިކޮޓް ކޮށްފައެވެ. ނަމަވެސް، ގިނަ ރައްޔިތުން ވަނީ، ރައީީސްގެ ރިޔާސީ ބަޔާނުގައި މުހިންމު ކަންތައްތަކަކާއި، ތަޞައްވުރު ހިއްސާ ކުރައްވާފައިވާކަން ފާހަގަކޮށް، ރައީސްއަށް ތަޢުރީފު ކޮށްފައެވެ.