ދިވެހިރާއްޖެ އަކީ އިސްލާމީ ދައުލަތެކޭ ބުނަން ލަދު ގަންނަ ހިސާބަށް ކަންތައް ގޮސްފައިވާ ކަަަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު(ސެމްބެ) ވިދާޅުވެއްޖެއެެވެ.

Ads by Asuru

ސެމްބެ މިފަދައިން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އަންހެނަކާއެކު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ހުރި ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ނަޝީދުގެ މި ތުހުމަތު ފެންމަތި ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ހަވީރު ފޮނުއްވި މެސެޖްތަކެއްގައެވެ. ނަޝީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސެމްބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ އިސްލާމީ ދައުލަތެކޭ ބުނަން ލަދު ގަންނަން ޖެހެނީ ބަޔަކު ރާވައިގެން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

”އެ މަސައްކަތް ކުރާކަން އެނގިތިބެ، ބަޔަކު ވަނީ ފައިސާއަށްޓަކައި، ދީންވެސް ގުރުބާން ކޮށްފަ. ހަރުކަށި ކަމާއި، ނުބައި ފާހިޝް އަމަލުތަކުން، ދެން މި ސަރުކާރަށް އަރައިނުގަނެވޭނެ.“

ނަޝީދުގެ އަތުގައި ރައީސްގެ އެފަދަ ފޮޓޯއެއް ނުހުންނާނެ ކަމަށާއި، އެއީ ބުހުތާނު ދޮގު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މި މައްސަލަ ބެލުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައެވެ.