ތ.ވަންދޫގެ ރަށްގިރުމުގެ މައްސަލަ ވީއެންމެ އަވަހަށް ޙައްލު ކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އެ ރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ads by Asuru

ރައީސް ވިދާޅުވީ ސަރުކާރުން ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންނަށް އެންމެ އަވަހަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކަމަށާއި، ވަންދޫގެ ކައުންސިލުން ފާހަގަކުރީ، ރަށުގެ ރަށްގިރުމުގެ މައްސަލައިގައި އޮތް ކަންބޮޑުވުން ކަމަށެވެ. އެހެންކަމުން، ވީ އެންމެ އަވަހަށް ބަޖެޓު ތެރެއިން އެކަން ކުރެވޭނެ ގޮތެއް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެހެންވީމާ، ވީހާ އަވަހަކަށް އެކަން ކުރުމަށްޓަކާ ކުރަންޖެހޭ، ފަންނީ، އިދާރީ، މާލީ، ޓެކްނިކަލް ހުރިހާ މަސައްކަތެއްގެ މަސައްކަތް ފަށާ، ކައުންސިލާ ގުޅިގެން އެކަން ކުރިއަށް ގެންގޮސް ޢަމަލީ ގޮތުން ހާސިލުވާނެ ގޮތް، އިރާދަކުރެއްވިއްޔާ ހަދާނަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ، އެހެންނަމަވެސް ހުއްޓިފައިވާ އެތައް މަޝްރޫޢުއެއް ހުރިއިރު، މަސައްކަތްތައް ކުރުމުގައި އިސްކަން ދޭން ޖެހޭނެ ތަރުތީބެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެއީ އެއްފަހަރާ ހުރިހާ މަޝްރޫޢުއެއް ކުރިއަށް ނުގެންދެވޭތީ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.