ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ހުޅުވާލި ފުރުޞަތުގައި އިއްޔެގެ ނިޔަލަށް ފޯމު ހުށަހަޅާފައިވަނީ ޖުމުލަ 15 މީހުންކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

Ads by Asuru

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އީސީން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. މި މުއްދަތު އަންނަ ހަފުތާގެ ބުދަ ދުވަހަށް ހަމަވާނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި 15 މީހަކު ފޯމު ހުށަހަޅާފައިވާކަމަށެވެ.

އަދި އޭގެ ތެރެއިން 14 މީހެއްގެ ފޯމު ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އަދި އެކެއްގެ ހުށަހެޅުން ބަލައި ނުގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ފޯމު ހުށަހެޅި މީހުންގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ 7 މީހުން ހިމެނެއެވެ.

އަދި އެމްޑީއޭގެ ޓިކެޓުގައި ވާދަކުރާ ހަތް މީހުންނާއި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ހަތަރު މީހުން ހިމެނެއެވެ. ޖުމްލަ 12 ދާއިރާއަކަށް ހުށަހެޅުން ލިބިފައިވާ ކަމަށްވެސް ހަބީބު ފާހަގަކުރައްވައެވެ.

މިހާތަނަށް ފޯމު ހުށަހެޅި ފަރާތްތަކުން ކުރިމަތިލާފައިވަނީ ގަމު ދާއިރާއަށާއި، ނިލަންދޫ ދާއިރާއަށާއި، ހިތަދޫ އުތުރު ދާއިރާއަށާއި، މީދޫ ދާއިރާއަށާއި، ވެލިދޫ ދާއިރާއަށާއި، މައްޗަންގޯޅި މެދު ދާއިރާއަށާއި، ކޮލަމާފުށި ދާއިރާއަށާއި، ބާރަށު ދާއިރާއަށާއި، ހޮޅުދޫ ދާއިރާއަށާއި، ކެނދިކުޅުދޫ ދާއިރާއަށާއި، ހުޅުމާލެ އުތުރު ދާއިރާއަށާއި، މާފަންނު މެދު ދާއިރާއަށެވެ.

ހަބީބު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.