ކާޑުގެ ބާވަތްތަކުގެ ތެރެއިން، މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގެއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑުލާއި ފުށަށް ރަޖިސްޓްރީނުވެ ލިބޭނެ ގޮތެއް ހަމަޖައްސައިދޭނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވީ، ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ހިލޭ ބަހަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، ހަނޑުލާއި ފުށް ބޭނުންވާ މީހުން މި މަހުގެ 25 ގެ ކުރިން ނަން ނޯޓުކުރުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނެއް ކުރިއެވެ.

ނަމަވެސް، އޮންލައިން ފޯމެއް ހިމަނައި ކައުންސިލުން ކުރި އިޢުލާނު ފަހުން ބާޠިލު ކުރިއެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހިދާނެތީ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި، އެކަމާ ގުޅިގެން ރަޖިސްޓްރީނުވެ ހަނޑުލާއި ފުށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

ޗައިނާ އިން އެނބުރި ވަޑައިގަތުމަށް ފަހު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، ކާޑުގެ ބާވަތްތައް ގެނައުމަށް އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެގޮތުން ތުރުކީ އާ އެކު މިހާރު އެއްބަސްވެ، ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ހަދިޔާ ކުރަން ނިންމިއިރު، މިއީ ސަރުކާރުން މިގޮތަށް ރޯދަ ހަދިޔާ ދޭ ފުރަތަމަ ފަހަރެވެ.