ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ފައިލޭރިއާ ސްކްރީނިން ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

Ads by Asuru

މިއީ، މި މަހުގެ 16 ވަނަ ދުވަހު ފަށަން ނިންމައިފައިވާ ޕްރޮގްރާމެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެ އެޖެންސީއާ އެކު މޯލްޑިވްސް ރެޑް ކްރެސެންޓް އާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު އަދި ހުރިހާ ކައުންސިލްތަކުން ހަރަކާތްތެރިވާނެ ކަމަށެވެ.

ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި މި ސްކްރީނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ސްކްރީނިންގައި ބައިވެރި ކުރެވޭނީ ކޮންމެ ރަށަކުން ވެސް ވަކި އަދަދަކަށް ގުރުއަތުން ހޮވާ ލެވޭ 18 އަހަރުން މަތީގެ ދިވެހިންނާއި ބިދޭސީން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފައިލޭރިއާއަށް ޓެސްޓް ކުރެވޭނީ ލޭނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުން ކޮށްގެންނެވެ.

މި ޓެސްޓްގެ ނަތީޖާ 15-10 މިނެޓް ތެރޭގައި ލިބޭ އިރު، ޓެސްޓް ހެދުމަށްފަހު ޕޮޒިޓިވްވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ޞިއްޙީ ޚިދުމަތްތެރިއެއްގެ ބެލެމުގެ ދަށުން ދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ބޭސް ކާން ޖެހެނީ އެއް ފަހަރުއެވެ. ޕޮޒިޓިވްވާ މީހުން މި ބޭސް ކެއުމުން އެމީހުންގެ ބައްޔަށް ފަރުވާ ލިބި، އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ވެސް ހުއްޓުވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ސްކްރީނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގޭގެއަށް އެ އެޖެންސީގެ ޓީމުތައް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހަވީރު 4.00 އިން ރޭގަނޑު 9.00 އާ ދެމެދުގެ ވަގުތެއްގައި ޒިޔާރަތް ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ބިދޭސީންގެ ތެރެއިންވެސް ހޮވާލެވޭ ފަރާތްތަކަށް ސްކްރީނިން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީފާ ދޭ ފަރާތްތަކާ މުއާމަލާތް ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

މީގެ އިތުރުން ފެބްރުއަރީ 12 ވަނަ ދުވަހު މި ސްކްރީން ޕްރޮގްރާމް ޕްރީ ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރާނެ ކަމަށާއި ހުޅުމާލެއިން ހޮވާލެވޭ ސަރަހައްދުތަކެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.