މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Asuru

އިންތިޚާބާ ބެހޭ އާންމު ޤާނޫނަށް އިހަވަންދޫ ދާއިރާގެ  މެންބަރު، މުޙައްމަދު ޝިފާޢު އިޞްލާޙު ހުށަހަޅާފައި ވަނީ އިންތިޚާބެއް ރޯދަ މަހާ ދިމާވާނަމަ، އެ އިންތިޚާބެއް ބޭއްވުން ރޯދަމަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބާއްވާ ގޮތަށް ބަދަލު ކުރުމަށެވެ.

އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ ބިލު ދިރާސާ ކުރަން އެކުލަވައިލި ޚާއްޞަ ކޮމެޓީން ފާސްކުރި ގޮތަށް އިތުރު އެއްވެސް އިޞްލާޙެއް ނުގެނެހެވެ. ބިލު ފާސްކުރަން 46 މެމްބަރުން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ތިން މެމްބަރުން ވޯޓު ދެއްވިއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 43 ވަނަ މާއްދާއަށް ގެނެސްފައިވާ މި އިޞްލާޙުގައި ބުނަނީ މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ.