ނޫޑުލްސް އަކީ ގިނަ ބަޔަކު އާއްމުކޮށް ކައި އުޅޭ، ގިނަ މީހުންނަށް ކަމުދާ ކެއުމެކެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭ ކެއުމަކަށް ނޫޑުލްސް ވުމަކީ ވެސް، މި ކެއުން އާއްމު ވެގެން ދިޔަ އެއް ސަބަބެވެ. އެހެންނަމަވެސް މިއީ އާއްމުކޮށް ކެއުން އެހާ ރަނގަޅު އެއްޗެއް ނޫންކަން އެނގޭހެއްޔެވެ؟ މި ލިޔުމުގައި ބައެއް ސަބަބުތައް ހިމަނާލާނަމެވެ.

Ads by Asuru

ގިނަ މިންވަރަކަށް ސޯޑިއަމް އެކުލެވޭ

ނޫޑުލްސްގައި އާއްމުކޮށް ގިނަ މިންވަރަކަށް ސޯޑިއަމް އެކުލެވެއެވެ. މިއީ ބައެއް ޞިއްޙީ މައްސަލަތަކަށް ހުޅުވޭ ދޮރެކެވެ. ހަށިގަނޑަށް ސޯޑިއަމް މުހިންމު ވިޔަސް، މާ ގިނައިން ބޭނުން ކުރެވޭނަމަ، ލޭގެ ޕްރެޝަރު މަތިވެ، ހަށިގަނޑުން ފެން މަދުވެ، ކިޑްނީގެ މައްސަލަތައް ވެސް ދިމާވާގޮތް ވެދާނެއެވެ. ގިނަ އިންސްޓެންޓް ނޫޑުލްސް ޕެކެޓުތައް ތައްޔާރުކޮށްފައި ވަނީ، އެއަށް ރަހަ އިތުރު ކުރުމަށް ބޭނުން ކުރާނެ ޕެކެޓަކާއެކުގައެވެ. އެ ޕެކެޓުގައި ގިނަ މިންވަރަކަށް ސޯޑިއަމް ހިމެނެއެވެ.

ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް މަދު

ނޫޑުލްސްގައި ޞިއްޙީ ގޮތުން ފައިދާ ހުރި މާއްދާތަކެއް ނުހިމެނެއެވެ. ފައިބަރ، ފެޓްސް، ހެލްތީ ޕްރޮޓީން ވެސް ނުހިމެނެއެވެ. އެހެންވެ، މިއީ އާއްމުކޮށް ކާ ބާވަތަކަށް ވެއްޖެނަމަ، ހަށިގަނޑަށް ބޭނުންވާ، ފައިދާ ހުރި އެހެން މާއްދާތައް ލިބުމަށް ހުރަސް އެޅެއެވެ.

ބަރުދަން އިތުރުވުމާއި ގުޅިފައި

ނޫޑުލްސް އަކީ ކާބޯހައިޑްރޭޓްސް ގިނަ އެއްޗެކެވެ. ކާބްސް މާ ގިނައިން ބޭނުން ކުރެވޭނަމަ، ބަރުދަން އިތުރުވުމަށް މަގުފަހި ވާނެއެވެ. ދެކުނު ކޮރެއާގައި ހެދި ދިރާސާއަކުން އެނގުނު ގޮތުގައި، ހަފްތާއަކު ދެ ފަހަރަށްވުރެ ގިނައިން ނޫޑުލްސް ކެއުމަކީ މެޓަބޮލިކް ސިންޑްރޯމް ޖެހުމަށް މަގުފަހިވާ ކަމެކެވެ. މިއީ ފަލަވުމާއި، ލޭގެ ޕްރެޝަރު މަތިވުމާއި، ކޮލެސްޓްރޯލް މަތިވުމަށް ކިޔާ ނަމެކެވެ.

ކެންސަރު ޖެހުމަށް ވެސް މަގުފަހިވޭ 

ޞިއްޙީ މަޢުލޫމާތު ހިމެނޭ ބައެއް ލިޔުންތަކުގައިވާ ގޮތުން، ނޫޑުލްސް ޕެކް ކުރާއިރު، ބޭނުންކުރާ އެއްޗެހީގައި ގެއްލުންދެނިވި ކެމިކަލްއެއް ކަމުގައިވާ، ބީޕީއޭ ހިމެނެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، ހަފްތައަކު ދެ ފަހަރަށްވުރެ ގިނައިން ނޫޑުލްސް ކާ އަންހެނުންނަށް ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 68 އިންސައްތަ އިތުރުވެއެވެ.

މި މައްސަލަތައް ހުރުމާއިއެކު، ނޫޑުލްްސް ކެއުމުގައި ސަމާލުވާން ޖެހެއެވެ. އެއަށް މާ ބޮޑަށް ބަރޯސާ ވުމުގެ ބަދަލުގައި ޞިއްޙަތަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ކެއުމަށް ސަމާލުކަން ދޭށެވެ.

ނޯޓު: މި ލިޔުމަށް މަޢުލޫމާތު ނެގީ ”މިރްޗީ ޕްލަސް“ އިންނެވެ.