ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި އިންޑިއާގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފިއެވެ.

Ads by Asuru

އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނީ، މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓުފޮށި ބަހައްޓާނީ ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައި އެކަނި ކަމަށެވެ. އެ ދެ ގައުމަކީ މެލޭޝިއާ އާއި ސްރީލަންކާއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓު، ރާއްޖެ އިން ބޭރު އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ރީ ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހަމަވިއިރު، ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިން ހަމަނުވުމުގެ ސަބަބުން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ 17 ރިސޯޓެއް ހިމެނެއެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ކުރިން ނިންމި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިނގިރޭސި ވިލާތް، ތައިލެންޑް ހިމެނެއެވެ.

އެކަމަކު، ވޯޓުލުމަށް އެ ގައުމުތަކުގައި 150 މީހުން ރަޖިސްޓްރީވެފައި ނުވާތީ ވޯޓު ފޮށި ނުބަހައްޓަން ނިންމީއެވެ.

އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމާއެކު އެ ކޮމިޝަނުން ވަނީ އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް ކަނޑައަޅާފައިވީ ނަމަވެސް ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.