...
Advertisement
ވަފާތެރިކަމާއެކު ޤައުމަށް ޚިދުމަތް ކުރުމަކީ އުފަލެއް ކަމުގައި ހަދަންޖެހޭ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދުކުރެއްވި އެންމެހާ އަބުޠާލުންގެ ޖިހާދުން މުހިންމު ދަރުސްތަކެއް ލިބިގެންދާކަމަށާއި އެގޮތުން ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ޤައުމުގެ މަސްލަހަތު އިސްކުރުމާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުޑަކޮށްވެސް ފަހަތަށް ނުޖެހުން ފަދަ ދަރުސްތައް ލިބިގެންދާކަމުގައެވެ.

Ads by Asuru

މީގެ އިތުރުން އެމަނިކުފާނު ވަނީ އަލިރަސްގެފާނުގެ ޖިހާދުގެ ޢިބުރަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ޝަހީދުންގެ ދުވަހު ދެއްވި ޚިޠާބަކީ ކިޔަވާކުދިންގެ ހިތްތަކުގައި ބިންވަޅު ނެގޭނެފަދައިން އުގަންނައިދޭންޖެހޭ ފިލާވަޅުތަކެއް ހިމެނޭ ޤައުމީ ޚިޠާބެއްކަން ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ އެމަނިކުފާނު ވަނީ މި ދުވަހަށް ދޭންޖެހޭ ޚާއްސަ ދަރަޖަ ދެއްވައިގެން ޤައުމީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރައްވަން އަލުން ފެއްޓެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިފައިވާ އަލިރަސްގެފާނުގެ ޤުރުބާނީއަކީ ތާއަބަދަށް ހަނދާން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އެއީ ދިވެހި ޤައުމާއި، އިސްލާމީ ވަޙުދަތު ހިމާޔަތްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ނައިބު ރައީސްގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖެއިން ބޭރުގެ ބައެއް ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by ooredoo maldives