ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމަށް ވައުދުވެވަޑައިގެންފައިވާ މަޝްރޫއުތައް ނުފަށާ ދައުރުގެ ފަހު އަހަރަށް މަޑު ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމްގައި ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާފުށި ބިން ހިއްކުމުގެ މަޝްރޫޢު މި އަހަރުގެ ތެރޭގައި ނުފެށިދާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އަމާޒަކީ އެ މަޝްރޫޢު ވެސް ވީ އެންމެ އަވަހަކަށް ފެށުން ކަމަށާއި އެމަނިކުފާނުގެ މަޤްޞަދަކީ ފަހު އަހަރު އަންނަންދެން މަޝްރޫޢު ނުފަށައި މަޑު ކުރުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

”މި އަހަރު ތެރޭގައި އެ މަޝްރޫޢު ފަހަރެއްގައި ނުފެށިދާނެ. ނަމަވެސް ވީހާވެސް އަވަހަކަށް ދެންމެ ތި ވިދާޅުވި ގޮތަށް އެންމެ ފަހު އަހަރަށް މަޑުކޮށް، އެގޮތަކަށް ނޫން އަޅުގަނޑު މަސައްކަތް ކުރާ ގޮތަކަކީ،“ ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ހެވާއި ލާބައަށް ހިންގަން ޖެހޭ މަޝްރޫޢުތައް ވީ އެންމެ އަވަހަށް ފެށުމެވެ.

އަދި ވަގުތާއި ތާރީޚު ދަންނަވާލަން ދަތިވިޔަސް، ވަރަށް އިސްކަމެއް ދީގެން ވަރަށް އަވަހަށް އެ މަޝްރޫޢު ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.