ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ޖަރުމަނަށް ވަޑައިގެންފިއެވެ.

Ads by Asuru

މި ދަތުރާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު މިއީ މަހުގެ 16-18 އަށް މިއުނިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ 60 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މި ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މިނިސްޓަރުންނާއި އިސް އޮފިޝަލުންގެ އިތުރުން އެކިއެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާ ބައްދަލުވުމެކެވެ. މިއީ ކޮންމެ އަހަރެއްގައި ވެސް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ”ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިން އަޕް ކްލައިމެޓް ފައިނޭންސް“ ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ޤައުމުތަކުގެ އިސްވެރިންނާ އެކު މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި މި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އެހެން ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ވެސް ބައްދަލު ކުރައްވަވާނެއެވެ.