ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

Ads by Asuru
މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސް ފުވައްމުލަކަށް ވަޑައިގެންނެވީ އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.

އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 50 މަގެއް ތާރު އަޅާނެއެވެ. އެއީ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

މިއީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް 255.2 މިލިއަން ރުފިޔާ އަށް ޙަވާލު ކުރި މަޝްރޫޢުއެކެވެ.

މަޝްރޫޢުގެ ދަށުން ފެން ހިންދާ ނިޒާމް ގާއިމު ކުރުމާއި 650 ކޭބަލް ޖަންކްޝަން ބޮކްސް ވަޅުލުމާއި 13،964 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 24،345 މީޓަރުގެ ކަބް ސްޓޯން ހަރު ކުރުމާއި ގަސްހަރު ކުރާ ޕިޓްސް ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށް އެެމްޓީސީސީން ކުރިން މައުލޫމާތު ދީފައި ވެއެވެ.