ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

Ads by Asuru

އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ހަރަކާތެއްގައެވެ.

މި ހަރަކާތުގައި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގެންނެވިއެވެ.

ފައިސަލް ވަނީ އެމްޑީޕީއާ ގުޅިވަޑައިގަތް ފޯމް ރައީސް ސާލިހަށް ހަވާލު ކުރައްވާފައެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

ރައްޔިތުންގެ ވިންދާ އިހުސާސްތައް ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެ ޕާޓީގެ ޤައުމީ މަޖިލީހުގައި ވެސް އެބޭފުޅާ ހުންނެވި ކަމަށް ވިދާޅުވިއެވެ.

ފައިސަލްއާ ގުޅޭގޮތުން ކުރީގެ ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނަކީ ވަރަށް ތެދުވެރި، އަދި އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށެވެ.