ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި، ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

Ads by Asuru

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދެވެ.

މި ޕްރޮގަރާމަކީ އެ ކޯޕަރޭޝަނުން ހިންގި 6 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ތެރެއިން އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ތަމްރީނުވުމުގެ ފުރުސަތު ހޯދައިދީފައި ވެއެވެ.

މިއަހަރު ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި 75 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެން.އޭ.ޕީ) ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެކެވެ.

6 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި 10 ދާއިރައަކުން ބައިވެރިން ތަމްރީނު ކުރެވުނެވެ. މި ދާއިރާތަކަކީ ހެވީވެހިކަލް، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ހައުސްކީޕިންގ، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ވަނީ ދީފައެވެ.

މި އެލަވަންސް ބައިވެރިންނަށް ދިނުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ގެ ފަރާތުން ފައިސާގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނިގޮތުގައި، މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސްވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމެވެ.

ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީއިން ކުރާނެކަމުގައި މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

އަދި ގިނަ ދާއިރަތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން މި ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން މިޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް މިކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.