އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް، މިރޭ ”އަސުރަށް“ ވިދާޅުވީ، އަޕާ ނޯތު ޕޮލިސް (ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު)ގައި އުމުރުން 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، މި މަހުގެ ނުވަ ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން، މި މަހުގެ 14 ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

”އަދި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައި.“ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނެނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ވާތީ، މިކަން ހިނގީ ކޮން އަތޮޅެއްގެ، ކޮން ރަށެއްގައިކަން ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މި ނޫހަށް ވަނީ އެ މަޢުލޫމާތު ކަށަވަރުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. އަދި އެކަމުގެ ސަބަބުން، އެ ކުއްޖާއަށް ވާހަކަ ދެއްކުމުގައި ވެސް ދަތިތަކެއް ހުރެއެވެ.