ރާއްޖެ މިހާރު އޮތް ހާލަތަށް ވައްޓާލީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނޫން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެ މިއަދު އޮތް މި ހާލަތުގައި މި އޮތީ ކޮންމެހެން ރައީސް ޑރ. މުއިއްޒު މިހާލަތަށް ވައްޓައިގެން ނޫން ކަމަށެވެ.

”އޭގެވެސް ހަގީގަތް އެނގޭނެ، ފަސް އަހަރުގެ ވެރިކަން ދިޔައިރު ރާއްޖެ މި ހާލަތަށް ގެނެެސްފައި މި އޮތީ އެމްޑީޕީ ވެރިކަމެއްގައި ތިބެގެން، މިއަދު އެ ބޭފުޅުން އެބަ ވިދާޅުވޭ، ދައުލަތް ހިންގާކަށްވެސް ނޭނގެއޭ، ސަރުކާރު ހިންގާކަށްވެސް ނޭނގެއޭ، ދަަރަނި ފިލުވާކަށްވެސް ނޭނގެއޭ، އެކަމަކު ދަރަނި އުފެއްދީ ކޮން ބައެއްކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވޭ، ދައުލަތުގެ މުވައްސަސާތައް މިނިވަން ނޫން ކަމަށް ވިދާޅުވޭ، ދައުލަތުގެ މުވައްސަސާތައް މިނިވަން ނުކޮށް މުށު ތެރޭގައި ގެންގުޅުނީ ކޮން ބައެއްކަންވެސް އެބަ އެނގޭ،“. ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރާއްޖޭގެ ސިޔާދަތީ ބާރު ރާއްޖޭގައި ނުހިނގައިގެން މި އުޅެނީ ކީއްވެގެންކަންވެސް އެނގޭ ކަމަށާއި، އޭގެ ޒިންމާ އުފުލަން ޖެހޭނީ އެމްޑީޕީ މީހުން ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި އޮތް ބޮޑު މަސްކަނޑު ވިއްކާލީވެސް އެމްޑީޕީ މީހުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.