މި ސަރުކާރުގެ ހައުސިން މަޝްރޫޢުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް އެމަނިކުފާނު  ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ ”އަހާ“ ފޯރަމްގައި، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޤައުމީ ބޮޑެތި މައްސަލަތައް ނެގުމަށްފަހު، އެންމެ ބޮޑު މައްސަލަ އަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެ މައްސަލައަށް މި ވޭތުވެދިޔަ ދިގު މާޒީގައި، އެކަށީގެންވާ ޙައްލެއް ގެނެވިފަ ނެތީމަ، ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކޮށްފައި އެބަހުރި. ހަމަ ވަރަށް ރަނގަޅު، ވަރަށް ގިނަ މަސައްކަތް އެބަހުރި ކުރެވިފައި. އެހެންނަމަވެސް އެކަށީގެންވާ ޙައްލެއް ނުގެނެވޭ.“ ރައީސް ވިދާޅުވިއެވެ.

 

”މިހާރު ކުރިއަށްދަނީ، ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ގޯތި ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ގޯތި، ނޫނިއްޔާ ފްލެޓް ކަނޑައެޅުމުގެ މަރުހަލާއޭ.“

ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ގެންދާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް، މާލެ ސަރަހައްދާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު ފެށިގެންދާނެ ކަމަށެވެ.

އަދި ގެދޮރުވެރިކަމަށްޓަކައި އެކި ކަހަލަ ލުއި ލޯނުތައް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ދެއްވި ޖަވާބުގައި، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށް، ގެދޮރުވެރިކަން ބޭނުންވާ އެންމެހާ ރައްޔިތުންނަށް އެކަން ހަމަޖެއްސުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.