އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން އަންހެނުންނަށް ޚާއްސަކޮށް ”ފަށާ މަދަދު“ އަދި ”ފަށާ މަދަދު ލީސިން“ގެ ނަމުގައި ލޯނު ސްކީމް ތައާރަފުކޮށްފިއެވެ.

Ads by Asuru
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

މިގޮތުން ތައާރަފު ކުރި ފަށާ މަދަދު ލީސިން ލޯނަކީ (އެސްޑީއެފްސީ) އާއި އިގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ވިޔަފާރި ކުރަމުންދާ އަންހެން ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ލީސިން ފައިނޭންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ތައާރަފު ކޮށްފައިވާ ލޯނެކެވެ.

މި ލޯނުގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. ގްރޭސް މުއްދަތުގެ ގޮތުގައި ހަ މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ދުވަހެވެ.

އިންޓަރެސްޓުގެ ގޮތުގައި އަށް ޕަސަންޓު މި ލޯނުގެ ދަށުން ނަގާނެއެވެ.

މި ލޯނަށް ޝަރުތު ހަމަވާނީ މެދުނުކެނޑި ހަ މަސްދުވަހު ވިޔަފާރި ކޮސްފައިވާ މީހުންނަށެވެ. އަދި، މި ލޯނު ބޭނުން ކުރެވޭނީ ވިޔަފަރިއަށް ހަރުމުދާ ގަތުމަށެވެ.

އަދި ފަށާ މަދަދު ލޯނަކީ މިވަގުތު ވިޔަފާރި ކުރާ އަންހެން ވިޔަފާރިވެރިންނަށް ލުއި ފަސޭހަ ގޮތެއްގައި ލީސިން ފައިނޭންސް ހަމަޖެހޭނެ ގޮތެއް ހޯދައިދޭނެ ސްކީމެކެވެ.

މި ލޯނުގެ ދަށުން 100،000 ރުފިޔާއާ 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. ގްރޭސް މުއްދަތުގެ ގޮތުގައި އަހަރެއް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ހަތް އަހަރު ދުވަހެވެ.

އިންޓަރެސްޓުގެ ގޮތުގައި ހަ ޕަސަންޓު މި ލޯނުގެ ދަށުން ނަގާނެއެވެ.