ޕިކަޕެއްގެ ފަހަތުގައި، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by Asuru

ފުލުހުން މިއަދު ބުނީ، މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މީހާ ހައްޔަރުކޮށް އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެ ވީޑިއޯއެއްގައި ފެންނަނީ، ޒުވާން ފުރައިގެ ފިރިހެނަކު ޕިކަޕެއްގެ ފަހަތުގައި ތިބި މީހުންނަށްވެސް ފެންނަ ގޮތަށް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖައްސާ މަންޒަރެވެ. އެ ޕިކަޕުގައި އިތުރު ދެ ފިރިހެނަކުވެސް ތިބި މަންޒަރު ފެނެއެވެ.

އެ ޒުވާނާ ވައްތަރުތައް ޖައްސަމުން ދިޔަ ވަގުތު އެ ޕިކަޕުގެ ފަހަތުގެ ވާތްފަޅިން އަންހެނަކު ސައިކަލުގައި ދުއްވާފައިދާ މަންޒަރު ފެނެއެވެ.