ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ހއ.ދިއްދޫއަށް ވަޑައިގެންނެވުމުން، އެ ރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

Ads by Asuru

ރައީސް މިރޭ ވަނީ އެ ރަށު ސްކޫލްގައި، ހއ.ތަކަންދޫ އާއި މުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވަވައި، އެ ދެ ރަށަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވައިފައެވެ.

ހއ، ހދ، ށ އަދި ނގެ އަތޮޅުތަކަށް ރައީސް މުއިއްޒު ފައްޓަވާފައިވާ މި ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ އެ އަތޮޅުތަކުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވަވައި، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ރައީސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަތޮޅުތަކަށް ފުރަތަމަ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވަނީ ރޯދައިގެ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ރައީސް ބައްދަލުކުރައްވާފައިވެއެވެ.