ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި ބިޔަ މަޝްރޫއުތަކެއް ހިންގަން ޖެހޭއިރު، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީސްގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރަށް އެހީތެރިވާނެ މެމްބަރުން މަޖިލީހަށް އިންތިޚާބު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by Asuru

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ރޭ ހއ.އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ރައީީސްގެ ވައުދުފުޅުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކުރެއްވިއެވެ. ރައީީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނީ ނިޒާމު އޮތްގޮތުން، މިކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ބޭނުންވެއެވެ.

”މީގަ މިއޮތީ، ކޮންމެ ހާލެއްގައި ވިޔަސް ކޮންމެވެސް ކަމެއް ކުރެވިގެން ދިޔުންތޯ، ވަރަށް އެފީޝަންޓްކޮށް، ވަރަށް ބާރު މިނުގައި ރައްޔިތުން ބޭނުންވާ، އަޅުގަނޑު ވައުދުވެފައިވާ ހުރިހާ ކަމެއް، ފުރިހަމަ ގޮތުގަ، ބާރު ސްޕީޑުގައި ނިންމުންތޯ، ދެ ޗޮއިސް، ދެ މަގު އޮތީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކުރިއަށްދާނެ މަގު ކަނޑައެޅިގެންދާނެ ކަމަށެވެ.