ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބުމާއި ނުލިބުމަކީ ވަރަށް ބޮޑު ތަފާތެއް އަންނަ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހއ.ވަށަފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތް ކުރައްވާނެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް އިލްތިމާސް ކުރައްވައިފައެވެ.

”ރައްޔިތުންނަށް އޭގަ، ކުރިއެރުމާ، ކުރިއެރުން ނުލިބުން މި ބިނާވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުން ކަންކަން ނިންމަވާ ގޮތަކަށް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާ ލިބޭނެ ގޮތަކީ ރައްޔިތުންގެ ހައްގުގައި، ސަރުކާރާއި އެއް ވިސްނުމެއްގައި މަސައްކަތް ކުރައްވާނެ މެމްބަރުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް މަޖިލީހަށް އިންތިހާބު ކުރުން ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކުޑަ ރަށެއް، އަދި ބޮޑު ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.

އަދި މިދިޔަ އަހަރުގެ ފަހުކޮޅުގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހަނދުމަފުޅު ހުންނަވާ ކަމަށާއި، އެ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.