އުތުރުގެ ހަތަރު އަތޮޅު ތަރައްޤީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައިކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ޕްލޭންކޮށް، ސަރަހައްދީ ތަރައްޤީ ގެނެސްގެންކަން ފާހަގަ ކުރެއްވިއެވެ.

އަދި އުތުރުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ތަރައްޤީކުރާއިރު ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ބަލައިގެން ތަރައްޤީކުރާނެކަމަށާއި، ހަމައެހެންމެ މެދުރާއްޖެ ތެރޭގައި 7 ސަރަހައްދެއް އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްޤީކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުތުރުގެ 4 އަތޮޅު ހިމެނޭ ތަރައްޤީގެ ޒޯނުގެ ތެރޭގައިވެސް އާބާދީއާ އެއްފަސްކުރެވޭ އަދި އިސްކަންދޭ ރަށްތަކެއް ހިމެނޭނެކަމަށާއި، އޭގެތެރެއިން ހަނިމާދޫއަކީ ޚާއްސަ އިސްކަމެއް ދެއްވާނެ އަދި ތަރައްޤީގެ ސިޔާސަތުގައި ގިނަ ކަންތައްތަކެއް ހިމެނޭ ރަށެއްކަމުގައެވެ.

މިހާރު ފެށިގެން ކުރިއަށްދާ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެއާޕޯޓު މިހާރު ތަރައްޤީކުރެވިގެން ދަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައި ނުވަތަ ސްކޭލްގައި ނޫންކަމުގައެވެ. އެހެންކަމުން ރަންވޭ މިހާރަށްވުރެ 700 ވަރަކަށް މީޓަރު ދިގުކުރުމަށް އެއާޕޯޓުގެ ލޯނު ހަމަޖެއްސި ފަރާތާ މަޝްވަރާ ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ހަނިމާދޫއާއި އަދި އިތުރު ދެރަށެއްގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ކުރިން ސޮއިކޮށްފައި އޮތީ ކުވޭތު ފަންޑުގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތްކުރުމަށް ކަމަށާއި، ނަމަވެސް ކުރީގެ ސަރުކާރުގެ އިހުމާލުން އެ ފަންޑު ދޫކުރި ފަރާތުން ފަންޑު އަނބުރާ ގެންގޮސް، އެ މަޝްރޫޢު ކުރިއަށް ގެންދެވޭގޮތްނުވެ އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި އެ މަޝްރޫޢު ކުރިއަށް ގެންދާނީ ސަރުކާރުގެ ސަރަހައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން، އެވިސްނުމުގައި ކަމަށެވެ.