އިންޑިއާ-ރާއްޖެއާ ދެމެދު މިއަދު ވެފައިވާ ހަ އެއްބަސްވުމާއެކު، ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހި ވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި އެކަމަނާއާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އިންޑިއާގެ ރައީސްގެ މަޤާމަށް އެކަމަނާ ވަޑައިގެންނެވުމާއި ގުޅިގެން މަރުޚަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ރިޔާސީ ދައުރުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މިބައްދަލު ކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ގެންގުޅުއްވާ ސަރުކާރުގެ ސިޔާސަތުތަކަށާއި، ރައްޔިތުންގެ ތަރައްޤީ އާއި ކުރިއެރުމަށް ކުރައްވަމުން ގެންދަވާ ނަމޫނާ މަސައްކަތްތަކަށް ތަޢުރީފް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ އިޖުތިމާއީ އަދި އުމުރާނީ ތަރައްޤީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގޭ ދިވެހިރައްޔިތުންނަށް ފައިދާހުރި މުހިއްމު މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު ވެވުނު 6 އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއް ކަމަށެވެ.

މިގޮތުން އިޤުތިޞާދީ ރޮނގުންނާއި ވިޔަފާރީގެ ރޮގުން އަދި ޘަޤާފީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށާއި، މޯލްޑިވުސް-އިންޑިއާ ޕާޓްނަރޝިޕްއަކީ، ސަރަހައްދަށް ނަމޫނާއެއްކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެކު އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމު ބޭއްވި މިބައްދަލު ކުރެއްވުމަކީ އެކަމަނާ އިންޑިއާގެ ރައީސްގެ މަޤާމުގެ ހުވާކުރެއްވުމަށްފަހުގައި، ބޭރު ޤައުމެއްގެ އިސްވެރިއަކާއި އެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ދިވެހި ވިޔަފާރިވެރިންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.