ލިވާތު ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރީ ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން ކަމަށާއި، އެއީ ސަރުކާރުން ބޭނުންވެގެން ކުރި ކަމެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަަބްދުއްރަހީމް ވިދާޅުވެއްޖެެއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހިމެނޭ ގޮތަށް ލިވާތު ކުރި ކަމަށް ތުހުމަތު ކުރެވޭ އިތުރު ތިން މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް އާންމުވިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ޗެނަލް13ގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ލިވާތު ކުރި ދެތިން މީހަކު ހައްޔަރު ކުރިއިރު، ޔޯގާގެ ޝިރުކު ހުއްޓުވި މީހުންނާމެދު އަމަލު ކުރަމުންދާ ގޮތް ރައްޔިތުންނަށް ސާފު ކަަމަށެވެ.

ފާހިޝް އަމަލުތައް ކުރުން ގައުމުގައި އިންތިހާއަށް އިތުރުވެގެން ދިޔުމަކީ ނުރަައްކާތެރި ކަމެއް ކަމަށާއި، މިއީ ސަރުކާރުން ގަސްތުގައި ކުރުވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗެނަލް13ގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިފަދަ ކަންކަން ފަތުރާ ބަޔަކު އެކަން ކުރަނީ އެއީ އާންމު ކަންކަމަށް ހެދުމަށް ކަމަށެވެ.

މީދެން އެހާވަރު ކަމެއް ނޫނޭ މީހުންނަށް ހީވާކަހަލަ ގޮތަކަށް އެކަން އާންމު ކުރަން. އެހެންވީމަ، މިބޭފުޅުން ވެރިކަމަށް ވަޑައިގަތުމުގެ ބޭނުމަކީ މި ގައުމުގައި ތަފާތު ދީންތަކަށް ފުރުސަތު ދިނުން.

އަބްދުއްރަހީމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ޒިނޭ ކުރި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވިއިރު، އެއީ އާދައިގެ ތުހުމަތެއް ނޫން ކަަމަށާއި، އެއީ ރައީސް ސޯލިހު މަގާމުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭވަރުގެ ތުހުމަތެއްކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު އިސްވެ ކަމާބެހޭ މުއައްސަސާތަކަށް އަންގަން ވީނުންތޯ، ރައީސް ނަޝީދު އެކުރާ ތުހުމަތު ބަލާދޭން. މި މައްސަލަ ތަހުގީގުކޮށް، އަސްލަށް ރުޖޫއަވާށޭ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދިވެހި ގައުމު މިހާރު އޮތް ހާލަތުން ގައުމު ސަލާމަތް ކުރެވޭނެ ހަމައެކަނި ބޭފުޅަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދީފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އޮންނަ އުސޫލުގެ ތެރެއިންނެވެ.

އެގޮތުން ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 47 ވަނަ މާއްދާގެ ށގައި ވާގޮތުން އެޕާޓީގެ ކެންޑިޑޭޓަކު ފަސްް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައިވަނިކޮށް އިތުރު ދައުރަކަށް ވާދަކުރެއްވުމުގެ އިހްތިޔާރު ޕާޓީގެ ސެނެޓަށް ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ކަމަށް އެންމެ ގާބިލު، އެކަށީގެންވާ އަދި ރައްޔިތުން އެންމެ އެދޭ ބޭފުޅަކީވެސް ރައީސް ޔާމީން ކަމަށެވެ. ސިޔާސީ ލީޑަރުން އިންތިހާބެއް ކައިރިވުމުން، މޮޅެތި ވާހަކަތަކެއް ދެއްކުމަކުން ނުފުދޭ ކަމަށާއި ދިވެހި ރައްޔިތުން ރާއްޖޭގެ ސިޔާސީ ލީޑަރުން ދަސްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.