މާބަނޑު ދުވަސްވަރު ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެއެވެ. މައިމީހާއާއި ދަރިފުޅުގެ ސިއްހަތަށްޓަކައެވެ.

އަންހެނުންގެ ހާއްސަ ޑޮކްޓަރު އައިމިނަތު ނުސްރާ، ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯއެއްގައި، ފުރަތަމަ ޓްރައިމެސްޓަރގައި( މާބަނޑު ދުވަސްވަރުގެ ފުރަތަމަ ތިން މަހުގައި) ކުރުނބާ ފެން ބުއިމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ޑރ.ނުސްރާ ވިދާޅުވި ގޮތުގައި ކުރުނބަލުގައި ހިމެނޭ ޕޮޓޭސިއަމް އާއި ސޯޑިއަމްގެ ސަބަބުން މޭ ނުބައި ކުރުމާއި ހޮޑު ލެވުމުން ދުރުކޮށްދެއެވެ. ހޮޑުލެވުމަކީ މާބަނޑު ދުވަސްވަރުގެ ކުރީކޮޅުގައި ގިނަ އަންހެނުން ތަޖުރިބާ ކުރަން ޖެހޭ ކަމެކެވެ.  ކުރުނބާގެ 95 ‏އިންސައްތަ އަކީ ފެން ކަމުގައިވާތީ، މި ބުއިން ފެނުގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ ކަމަށް ޑރ. ނުސްރާ ވިދާޅުވިއެވެ.

އޭގެ އިތުރަށް ކުރުނބާގައި ކެލްސިއަމް އާއި މެގްނީސިއަމް ހިމެނޭއިރު، މިއީ ބަނޑުގައިވާ ތުއްތު ދަރިފުޅު ހެދިބޮޑުވުމަށް ވަރަށް މުހިންމު މާއްދާތަކަށް ވާތީ، މާބަނޑު ދުވަސްވަރުގެ ފަހު ތިން މަހުގައި ވެސް ކުރުނބާ ފެން ބުއިން މުހިންމު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ.ނުސްރާ އިތުރަށް ވިދާޅުވީ ކުރުނބާ ބުއިމަކީ ކިޑްނީ ފަންކްޝަންއަށް ވެސް އެހީތެރިވެދޭ މޭވާއެއް ކަމަށާއި، މި މޭވާގައި ހިމެނޭ ފައިބަރގެ ސަބަބުން ބަނޑު ހަރުވުމުން ވެސް ދުރުކޮށްދޭ ކަމަށެވެ.

ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރެއް ބެލުމަށްފަހު، ޑޮކްޓަރެއްގެ ލަފަޔާއިއެކު ކުރުނބާ ބޭނުން ކުރުން މުހިންމު ކަމަށް ވެސް ޑރ.ނުސްރާ ވިދާޅުވިއެވެ.