ކުރީ ސަރުކާރުގައި ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބުނު އެންމެންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ގޯތި ލިބޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ބުނެފިއެވެ.

Ads by Asuru

ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހިން، ނުހައްގުން 50 ބިމެއް އެކި ފަރާތްތަކަށް ދީފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އަދި އެތަންތަން އަތުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒުލް މިކަން ހާމަ ކުރެއްވުމުން، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ގޯތި އަތުލަނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފެތުރިއެވެ. އެޗްޑީސީން ބުނީ،  ”‏ބިންވެރިޔާ“ ސްކީމްގެ އެއްވެސް ބިމެއްގެ މައްސަލަ ބަލަން ހުށަހަޅަން ނޫޅޭ ކަމަށާއި، އެ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް އެ ތަންތަން ދޫކުރެވޭނެ ކަމަށެވެ.

ކުރީ ސަރުކާރުން ދިން ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާމެދު އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު މީގެ ކުރިން ވަނީ ގޯތި ލިބުނު އެންމެންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުމުގެ ކަންތައްތައް ކުރިއަށްދާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

”އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ ގުޅީފަޅުންވެސް ގިރާވަރުފަޅުންވެސް ގޯތި ލިބުނު ހުރިހާ އެންމެންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުމުގެ ކަންތައްތައް އެބަ ކުރިއަށްދޭ ވަރަށް ބާރަށް،“ ރައީީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަޖިސްޓްރިީ ހެދުމުގެ މަސައްކަތާޢި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.